މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ، ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ ބޮޑު ޖަލްސާގެ ތައްޔާރީތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް މިއަދު އެ ސަރަހައްދަށް ވަޑައިގެންފިއެވެ.
”ދިވެހީންގެރާއްޖެ“ ގެ ނަމުގައި ޕީއެންސީން މިރޭ ބާއްވާ ބޮޑު ޖަލްސާގައި އެމަނިކުފާނުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.
މި ޖަލްސާގެ ތައްޔާރީތައް ބައްލަވައިލެއްވުމަަށް ރައީސް މުޢިއްޒު ވަނީ މިއަދު ހެނދުނު ޕީއެންސީ ޖަގަހައަށް ވަޑައިގެން، ޖަލްސާ އިންތިޒާމުކުރާ ފަރާތްތަކާ ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައެވެ.
މިރޭގެ ބޮޑު ޖަލްސާގައި ރާއްޖޭގެ އެކިކަންކޮޅުތަކުގެ ރަށްރަށުން ގިނަ އަދަދެއްގެ ރައްޔިތުން މިހާރު ވަނީ މާލެ އައިސްފައެވެ.
މި ޖަލްސާ އަކީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވަމުންދާ ދެ އަހަރު ދުވަހުގެ ތެރޭގައި ޤައުމަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި، ގެނެސްދެއްވި ތަރައްޤީގެ އަގުވަޒަންކޮށް އެކަން ފާހަގަ ކުރުމަށް ބާއްވާ ޖަލްސާ އެއް ކަމަށް ޕީއެންސީ އިން ވަނީ ބުނެފައެވެ.



