ރަސްމާލެއިން ގޯތި ދިނުމަށް 15،000 ގޯއްޗަށް ހުޅުވާލާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިހާރު އާޓިފިޝަލް ބީޗުގައި ކުރިއަށްދާ ޕީއެންސީގެ ”ދިވެހީންގެރާއްޖެ“ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ރަސްމާލެއިން ގޯތި ދިނުމަށް 15،000 ގޯއްޗަށް މި ސަރުކާރުން ހުޅުވާލާނެ ކަމަށާއި އެއީ މާލޭގެ ރަށްވެހިންނާއި މާލޭގައި އުޅޭ އެހެނިހެން ރައްޔިތުންނަށް ދޭ ގޯތިތަކެއް ކަމަށެވެ. އަދި އެތަން ހިއްކާ ނިމޭއިރު، ގޯތިތައް ލިބޭ މީހުން އެނގޭނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ދޫކުރާ 15،000 ގޯތީގެ އުސޫލު އަންނަ ހަފްތާގައި އިއުލާން ކުރައްވާނެ ކަމަށެވެ.
”ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތު ހަގީގީ މާނައިގައި މި ފުއްދައި ދެނީ. މާލެ އާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުއްދައި ދެނީ. ހުރިހާ އިންޑަސްޓްރީ ކުރިއެރުވުމަށް މަސައްކަތް ކުރަން، މަސްވެރިކަން، ފަތުރުވެރިކަން އަދި ކޮންސްޓްރަކްޝަން ދާއިރާ ހިމެނޭ.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކުރީ ސަރުކާރުން ދޭން ހަމަޖެއްސި 4000 ފްލެޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 4،000 ފްލެޓު ނިމެމުންދާ ވަރަކަށް މީހުން ވަންނަމުންދާ ކަމަށެވެ. އަދި ފްލެޓު ލިބޭ މީހުންގެ ލިސްޓު މި ސަރުކާރުން ބަދަލު ނުކުރާ ކަމަށާއި ގޯތިތައް ވެސް ދެމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން، ކަނޑުން ދީފައި ހުރި ގޯތިތައް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ގިރާވަރުފަޅު ހިއްކަން މި މަހުގެ 23 ގައި ޑްރެޖަރު އަންނަކަން ރައީސް ފާހަގަ ކުރެއްވިއެވެ.




