ފަލަސްތީނުގެ އަޚުންނާއި އުޚުތުންނާއެކު ދިވެހިން އަބަދުވެސް ދެމިތިބޭނެ ކަމަށާއި އެ ޤައުމަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމަށް ގޮވާލާ ގޮވާލުމުގައި ދިވެހިން ސާބިތުވެ ތިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވަމުން މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ފަލަސްތީނުގެ ދައުލަތަށް ފުރިހަމަ މިނިވަންކަމާއި ސިޔާދަތީ ބާރު ލިބިދިނުމަށް ރާއްޖެއިން އަބަދުވެސް ވަކަލާތުކުރާނެ ކަމަށެވެ. އަދި ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚްތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން ސާބިތުކަމާއެކު އަބަދުވެސް ދެމިތިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައެޅިގެން ފަލަސްޠީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ކުޑަވެސް ފަސް ޖެހުމެއް އޮވެގެން ނުވާނެކަމަށް ބައިނަލްއަޤުވާމީ ދުނިޔެއަށް ގޮވާލާ ކަމަށެވެ.




