އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓަކީ ފުރިހަމަ ޤައުމެއް ބިނާކުރެވޭނެ ގޮތަށް ބައްޓަންކޮށްފައިވާ ބަޖެޓެއްކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
މެންބަރު ފަލާހު މިހެން ވިދާޅުވީ ”ދިވެހީންގެރާއްޖެ“ ގެ ނަމުގައި ޕީއެންސީން ރޭ އާޓިފިޝަލ ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެންބަރު ފަލާހް ވިދާޅުވީ، ރާއްޖޭގެ އެއްވެސް ވެރިއަކަށް ނުކުރެވުނު ކަމެއް މިދިޔަ 1 އަހަރާއި 10 މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރައްވާފައިވާކަމަށާއި އެއީ ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށަށް ޒިޔާރަތްކުރެއްވުން ކަމަށެވެ.
އެގޮތުން ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބައްލަވައި، ކައުންސިލްތަކާއި ސްކޫލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި އެމަނިކުފާނު ބައްދަލުކުރެއްވިކަމަށާއި، އަދި ބަޖެޓް ސަރުކާރުން ތައްޔާރުކުރެއްވީ ރައްޔިތުން ބޭނުންވަނީ ކޮންކަމެއްތޯ ބެއްލެވުމަށްފަހުކަން މެންބަރު ފަލާހު ވިދާޅުވިއެވެ.
”އެ ބަޖެޓްގައި އޮތީ ވަރަށް ފުރިހަމަ ގައުމެއް ބިނާކުރެވޭނެ ގޮތައް ދައުލަތުގެ ބަޖެޓް ބައްޓަންކޮށްފައި. އެމަނިކުފާނުގެ ސަރުކާރުގައި ދައުލަތުގެ ބަޖެޓް މި ފާސްކުރަނީ ޕްރޮގްރާމް ބަޖެޓެއް. ޕްރޮގްރާމް ބަޖެޓެއް ކުރިއަށްއޮތް ތާންގައި ދުވަހެއްގެ ކޮޅުން އެހެން ވެރިއަކަށް ދެން ވެރިކަން ލިބުނަސް ފާސްކުރައްވަން ފައްޓަވާނެ. އެއީ މިގޮތައް ބަޖެޓް ހެދުމުގައި ރައްޔިތުންނަށް ވަރަށް މުހިންމު ކަންތައްތަކެއް ވަރަށް މުހިންމު ފިޔަވަޅުތަކެއް ވަރަށް މުހިންމު ގޮތްތަކަކަށް ކުރެވެން ފުރުސަތު ލިބިގެންދާތީ.“ ފަލާހް ވިދާޅުވިއެވެ.



