މުޅި ރާއްޖޭގައި މިހާރުވެސް 1،800އަށް ވުރެ ގިނަ މަޝްރޫއު ހިނގަމުންދާ ކަމަށާއި އެހެންކަމުން ސަރުކާރުން ކޮށްދޭ މި ކަންކަމަށް ހުރަސްއެޅޭ ގޮތަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓު ނުދިނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢުއްޒު ރޭގައި އެދިލައްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް 2 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ޕީއެންސީގެ ފަރާތުން އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ މި ވަގުތު ރާއްޖޭގައި 1،875 މަޝްރޫއު އެބަ ހިނގާ ކަމަށާއި މީގެ ތެރޭގައި މި ސަރުކާރުން ސޮއި ކުރި 1،356 މަޝްރޫއު އޮތް ކަމަށެވެ.
ރައީސް ވިދާޅުވީ، ތަރައްގީ ހާސިލުކުރުމުގައި އެމަނިކުފާނުގެ އެންމެ މުހިންމު ސިޔާސަތަކީ ހަމަހަމަކަން ކަމަށާއި އެގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ރަށެއް ވެސް ތަރައްގީކުރުމަކީ އެމަނިކުފާނުގެ ވިސްނުން ކަމަށެވެ.
”ހަމައެކަނި މާލޭގައިތޯ ކަންކަން ކުރަން ޖެހެނީ؟ ހަމައެކަނި ސިޓީތަކުގައި އެކަނިތޯ ކަންކަން ކުރަން ޖެހެނީ؟ ހަމައެކަނި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށުގެ އެކަނިތޯ ކަންކަން ކުރަން ޖެހެނީ؟ އަޅުގަނޑަށް ދެވިއްޖެ އެއްވެސް ރައީސަކު ނުދާ ރަށްރަށަށް ވެސް. ރައީސް މައުމޫންއަށް ފަހު އެއްވެސް ރައީސަކު ނުދާ އެތައް ރަށަކަށް އަޅުގަނޑަށް ދެވިއްޖެ. އަޅުގަނޑު ހަމަ ހައިރާންވެއްޖެ އެކަމާ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.



