ކަޝްމީރުގައި އިންޑިޔާގެ ބާރުގެ ދަށުގައި އޮތް ފަޅީގައި ހުރި ފުލުހުންގެ މަރުކަޒެއްގައި ބާރުގަދަ ގޮވުމެއް މިއަދު ގޮވައި ނުވަ މީހަކު މަރުވެއްޖެއެވެ.
މި ހާދިސާއާ ގުޅޭގޮތުން ކަޝްމީރުގެ ފުލުހުން ބުނީ، ފުލުހުންގެ މަރުކަޒުގައި ގޮވާފައި ވަނީ، އެކި އޮޕަރޭޝަންތަކުގައި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ގޮވާތަކެތި ކަމަށެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް 9 މީހަކު މަރުވެފައިވާއިރު، 29 މީހަކު ޒަޚަމުވެފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ކަޝްމީރުގެ ފުލުހުންގެ މަރުކަޒެއްގައި ގޮވުމެއް ގޮވައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި މި ވަނީ ދާދިފަހުން އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގައި ކާރެއް ގޮއްވައިލައިގެން ދިން ނުރައްކާތެރި ޙަމަލާއެއްގައި އަށް މީހުން މަރައިލިތާ ހަތަރު ދުވަސް ފަހުންނެވެ. އެގޮތުން ބޮން ގޮއްވައިލާފައި ވަނީ ދެއްލީގެ ތާރީޚީ ރެޑް ފޯޓް ކައިރީގައެވެ.
ކަޝްމީރުގައި ހިނގި ހާދިސާގައި މަރުވި ނުވަ މީހުންގެ ތެރޭގައި ގިނައީ ފުލުހުންނެވެ. އަދި، ފޮރެންސިކް ދާއިރާގެ އޮފިޝަލުންނެވެ. ކަޝްމީރު ފުލުހުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ، ފޮރެންސިކް އޮފިޝަލުންތަކެއް ގޮވާތަކެތި ބަލައި، ތަޙުޤީޤު ކުރަމުން ދަނިކޮށް ކަމުގައެވެ. މި ހާދިސާގައި ޒަޚަމު 29 މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔެއްގެ ހާލު ސީރިޔަސް ކަމުގައި ވެސް ބުނެފައިވެއެވެ.
މި ހާދިސާގައި މަރުވި ގިނަ ބަޔެއްގެ ހަށިތައް ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އެހެންކަމުން، އެއީ ކޮން ބަޔެއް ކަން ދެނެގަތުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާޢި، ނަމަވެސް އެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައި ރިޕޯޓުތަކުން ބުނެފައިވެއެވެ.



