މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ މުވައްޒަފުން ވަޒީފާ ދޫކޮށްފައިދާ ވަރުން އެ ކުންފުންޏަށް ނުލިބި ހުންނަ ޓެކްސް ފައިސާ ހޯދުމުގައި ބޮޑު ގޮންޖެހުމެއް ކުރިމަތިވާ ކަމަށް މީރާގެ ޓެކްސް ކޮމިޝަނަރު ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަރީރު ވަނީ މީރާގައި މަސައްކަތުގެ މާހައުލުގެ ފެންވަރު ދަށްކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެެވެ. އެކަމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ޓެކްސް ފައިސާ ރިކަވާ ކުރުމުގައި މީރާގެ ޕާފޯމަންސަށް ނޭދެވޭ އަސަރުކުރާ ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރު މީރާގައި ޓާންއޯވާ ރޭޓް ނުވަތަ މުވައްޒަފުން ވަކިވާ ނިސްބަތް ހުރީ 17 އިންސައްތައިގައި ކަމަށާއި އެ އަދަދު މި އަހަރު 21 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ. މުވައްޒަފުން ވަކިވާ އެއް ސަބަބަކީ މުވައްޒަފުންގެ މުސާރަ ދަށްވުން ކަމަށް ޒަރީރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މުވައްޒަފުން މުސާރަ ރަނގަޅު އެހެން ތަންތަނަށް ބަދަލުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
”މިސާލަކަށް ދެ އަހަރުގެ މުއްދަތެއް އިންނަނީ އޮޑިޓެއްކޮށް ނިންމަން. އެހެންނަމަވެސް އެ އޮޑިޓެއް ފައްޓައިގެން އެ އޮޑިޓެއް ނިމެންވާއިރަށް ތިން ހަތަރު ޓީމު އޮންނަނީ ބަދަލުވެފައި،“ މުވައްޒަފުން ވަކިވާތީ މަސައްކަތަށް ދިމާ ގޮންޖެހުންތައް ފާހަގަކުރައްވައި ޒަރީރު ވިދާޅުވިއެވެ.
އޭގެ އިތުރުންވެސް މީރާގެ ތެރޭގައި އޮންނަ ޖާގައިގެ ދަތިކަމުގެ ސަބަބުން މުވައްޒަފުންނަށް ކުރިމަތިވާ އުނދަގުލުގެ މައްޗަށްވެސް ޒަރީރު ވަނީ ވާހަކަދައްކަވާފައެވެ.



