ބޮލީވުޑްގެ ޒަމާންވީ އެކްޓްރެސް އަދި މިހާރު އިންޑިއާގެ ޕާލަމަންޓު މެންބަރެއް ކަމަށްވާ ޖަޔާ ބަޗަންގެ ހުއްދައަކާ ނުލައި އެއްވެސް މީހަކަށް ދެން އޭނާގެ ނަމާއި، ފޮަޓޯ އަދި ވީޑިއޯވެސް ބޭނުން ނުކުރެވޭ ގޮތް އޭނާ ހަދައިފިއެވެ.
ޖަޔާ މިކަން ކޮށްފައިވަނީ އޭނާގެ ”ޕާސަނަލިޓީ ރައިޓްސް“ ރައްކާތެރި ކުރުމުގެ ގޮތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ކާމިޔާބު ކޮށްގެންނެވެ.
މަޝްހޫރު ބޮލީވުޑް އެކްޓަރު އަމީތާބް ބަޗަންގެ އަންހެނުން، ޖަޔާގެ ޓީމުން ނިއު ދިއްލީގެ ހައިކޯޓަަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައި ވަނީ ހުއްދަނެތި ޖަޔާގެ ނަމާއި، ފޮޓޯ އާއި ވީޑިއޯ އަދި އަޑު އެއްވެސް ބަޔަކަށް ބޭނުން ނުކުރެވޭނެ އަމުރެއް ނެރެ ދިނުމަށެވެ.
އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން ޖަޔާގެ ނަން ގިނަ ބަޔަކު އަންނަނީ ހުއްދަނެތި ބޭނުންކުރަމުންނެވެ.
މި މައްސަލައިގެ އަޑު އެހުންތައް މިދިޔަ ހަފްތާގެތެރޭ ހައި ކޯޓުގައި ބޭއްވުމަށްފަހު ޖަޔާގެ އަމިއްލަ ޒާތީ މައުލޫމާތު ހިމެނޭ އެންމެހާ ވެބް ސައިޓުތަކުންނާއި ސޯޝަލް މީޑީއާ ޕޭޖްތަކުން ބަތަލާގެ ފޮޓޯ އާއި ވީޑިއޯ ނެގުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީގެއިތުރުން ދެން މީގެފަހުން ޖަޔާގެ ހުއްދަނެތި އެފަދަ ތަކެތި ބޭނުންކުރާ މީހުންނާ އަދި އެފަދަ ވެބް ސައިޓުތަކާއި ސޯޝަލް މީޑިއާ ޕޭޖްތައް ހިންގާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.



