ކުރިއަށް އޮތް ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލްތައް އުވާލައި އެ އިންތިހާބުގައި އަތޮޅު ކައުންސިލަރުން އިންތިހާބު ކުރަން ނުޖެހޭ ގޮތަށް ހެދުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިއްޔެ އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ގެންނަ މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައި މި ބިލު ސަރުކާރުގެ ފަރާތުން މިއަދުގެ މަޖިލިސް ޖަލްސާގައި ހުށަހެޅުއްވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަންބަރުގައިވާ ގޮތުން، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި އަތޮޅު ކައުންސިލް ވެސް ހިމެނެއެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސްއާ އެކު އެ ކައުންސިލްގައި ދެން ހިމެނެނީ އެ އަތޮޅެއްގެ ރަށު ކައުންސިލްތަކުގެ ރައީސުން ކަމަށް ބަޔާން ކުރެއެވެ.
ޝުޖާއު ހުށަހެޅުއްވި އިސްލާހަކީ ގާނޫނުއަސާސީގެ އެ އަކުރު އުނިކުރުމަށެވެ. އޭގެ ނަތީޖާއަކީ، ދެން އަތޮޅު ކައުންސިލްތައް އުވުމެވެ.
އެހެންނަމަވެސް އިސްލާހުގައިވާ ގޮތުން، މިހާރު އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލްތައް ދައުރު ހަމަވަންދެން ދެމި ތިބޭނެ އެވެ. އެހެންކަމުން، މި އިސްލާހު ފާސްވެއްޖެ ނަމަ، މިހާރު އޮތް އަތޮޅު ކައުންސިލްތަކަކީ މި ގާނޫނުއަސާސީގެ ދަށުން އެންމެ ފަހު އަތޮޅު ކައުންސިލަށް ވާނެއެވެ.



