ތަޢުލީމާއި ހުނަރުވެރިކަމަކީ ޤައުމުގެ ކާމިޔާބީ ވަޒަންކުރާ މިންގަނޑު ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ.ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް 25 އަހަރު ފުރި، އެ އޮތޯރިޓީގެ ރިހިޔޫބިލް ފާހަގަކުރުމަށް ބޭއްވުނު ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތަޢުލީމާއި ހުނަރުވެރިކަމަކީ ޤައުމުގެ ކާމިޔާބީ ވަޒަންކުރާ މިންގަނޑަކަމަށެވެ.
އެހެންކަމުން ރާއްޖެއިން ހާޞިލުކުރާ މަތީ ތަޢުލީމީ ސަނަދުގެ އަގު ހިފެހެއްޓުމަކީ ހަމައެކަނި ޓެކްނިކަލް މަސައްކަތެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”އެއީ ޤައުމީ ޝަރަފަކާއި އިޤްތިޞާދީ އަސާސެއް“ މިނިސްޓަރު ވިދާޅުވިއެވެ.
ދުނިޔޭގެ މަތީ ތަޢުލީމުގެ ކުރިމަގަށް ބަލާއިރު، އައު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވާ އެފަދަ ގޮންޖެހުންތަކަށް ތައްޔާރުވެ، ކުޅަދާނަކަމާއި ހުޝިޔާރުކަމާއެކު، އެފަދަ ގޮންޖެހުންތަކާއި ކުރިމަތިލުމުގެ އަޒުމް ވަރުގަދަކުރަންޖެހޭކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު، ޑރ.ޢަލީ ޙައިދަރު އަޙްމަދު އަދި މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ)ގެ ސީ.އީ.އޯ މަރްޔަމް ފިޒާނާ ރަޝީދުގެ އިތުރުން މަތީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރަމުންދާ އިސްބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.



