ހުޅުމާލޭގައި ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި 299 ވެހިކަލް ބަލާފާސްކޮށް، 43 ފަރާތަކަށް ނަސޭހަތްދީފިއެވެ.
އެ އޮޕަރޭޝަން ކުރިއަށްގެންގޮސްފައި ވަނީ މި މަހުގެ 13 އިން 14އަށެވެ.
އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް، ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ އުޅަނދުތައް ހުއްޓުވުމަށާއި، މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށެވެ.
އަދި މީގެ އިތުރުން އެ އޮޕަރޭޝަން ކުރިއަށްގެންދިޔައީ ހުޅުމާލެއަކީ އެންމެނަށް ވެސް އަމާން ރައްކާތެރި ތަނަކަށް ހެދުމަށެވެ.
މި އޮޕަރޭޝަންގައި، 299 އުޅަނދު ބަލައިފާސްކޮށްފައި ވެއެވެ.
”އޭގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އުޅަނދު ދުއްވި 43 މީހަކަށް ނަސޭހަތްތެރިވެފައިވާއިރު ތިން މީހަކު ޖޫރިމަނާކޮށް، ގަވާއިދާ ހިލާފުވި ދެ އުޅަނދެއް ފުލުހުންގެ ބެލުމުގެދަށަށް ވަނީ ގެނެސްފައި“ ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުުހުން ބުނީ ހުޅުމާލޭގައި ރާވައިގެން ހިންގާ ނުރައްކާތެރި ކުށްތައް ހުއްޓުވުމަށްޓަކައި، މަސްތުވާތަކެއްޗާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ 27 ތަނަކާއި ގުރޫޕުތައް އެއްވެއުޅޭ 25 ތަނެއް ބަލައިފާސްކޮށް އަދި 25 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށެވެ.



