މިދިޔަ ހަފްތާގައި ސިނަމާލޭ ބްރިޖާއި ހަލި މަގުގައި 54 އެކްސިޑެންޓް ހިނގައިފިއެވެ.
ފުލުހުން މިއަދު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާއި ހަމައަށް ވަނީ ޖުމްލަ 54 އެކްސިޑެންޓް ހިނގާފައެވެ.
އެގޮތުން އެ މުއްދަތުގެ ތެރޭގައި ދުވާލުވަގުތު 43 އެކްސިޑެންޓް ހިނގާފައިވާއިރު، ރޭގަނޑު ހިނގާފައިވަނީ 11 އެކްސިޑެންޓް ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ފުލުުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 9 ވަނަ ދުވަހު 12 އެކްސިޑެންޓް ހިނގާފައި ވާއިރު 10 ވަނަ ދުވަހު 13 އެކްސިޑެންޓް އަދި 11 ވަނަ ދުވަހު ވަނީ ތިން އެކްސިޑެންޓް ހިނގާފައެވެ.
އަދި 11 ވަނަ ދުވަހު 3 އެކްސިޑެންޓް، 12 ވަނަ ދުވަހު 10 އެކްސިޑެންޓް، 13 ވަނަ ދުވަހު އަށް އެކްސިޑެންޓް ވަނީ ހިނގާފައެވެ.
މީގެ އިތުރުން 14 އަދި 15 އެ ދެ ދުވަހު ވެސް ހިނގާފައި ވަނީ ހަތަރު އެކްސިޑެންޓް ކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ.
ހަމަ އެހެންމެ މި މުއްދަތުގައި ސައިކަލާއި ކާރު ޖެހިގެން 15 އެކްސިޑެންޓެއް ހިނގާފައިވާއިރު ސައިކަލާއި ސައިކަލު ޖެހިގެން ވަނީ 13 އެކްސިޑެންޓެއް ހިނގާފައެވެ.
އަދި އެ މުއްދަތުގެ ތެރޭގައި ހިނގި އެކްސިޑެންޓުތަކުގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާއިރު 51 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.



