ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓުތަކާއި އެކި ކަހަލަ ފެއާތައް ބޭއްވުމަށް ހުއްދަ ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަނދާންކޮށް ދީފިއެވެ.
އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓު ބޭއްވުމަށް އެޗްޑީސީގެ ފަރާތުން ނަގަން ޖެހޭ ހުއްދަތައް ނުނަގާ ބައެއް ފަރާތްތަކުން އިވެންޓު ބޭއްވުމުގެ ނަމުގައި ސްޓޯލް ވިއްކަމުންދާ ކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އަދި އެޗްޑީސީގެ ހުއްދަ ނުހޯދާ އެގޮތަށް އިވެންޓްތައް ހިންގުމުގެ ނަމުގައި ސްޓޯލްތައް ދޫކޮށް ގަތުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް އެ ކޯޕަރޭޝަން އިން ޒިންމާ ނުވާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.
އެޗްޑީސީން މީގެ ކުރިން ނެރުނު އިއުލާނެއްގައިވެސް ވަނީ ބައެއް ފަރާތްތަކުން ހުއްދަ ނުހޯދާ އެ ފަދަ ކަންކަން ކުރަމުން އަންނަކަން ހާމަކޮށް އެއްވެސް ފަރާތަކުން ހުޅުމާލޭގައި އިވެންޓެއް ބޭއްވުމަށް ސްޓޯލެއް ގަތުމުގެ ކުރިން އެ އިވެންޓެއް ރާވާ ފަރާތަކީ އެޗްޑީސީން އެކަމަށް ދޫކޮށްފައިވާ ހުއްދަ ލިބިފައިވާ ފަރާތެއްތޯ އެ ކޯޕަރޭޝަންގެ ޕާމިޓްސް އެންޑް ސާވިސް ސެކްޝަން ނަންބަރު 3356112 އަށް ގުޅައި ޔަގީން ކުރަން އެދިފައެވެ.


