ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، ހާލުގައި ޖެހިފައިވާ ޣައްޒާއަށް ޔަހޫދީން އިއްޔެ ދިން ހަމަލާގައި ތިން މީހަކު މަރުވެއްޖެއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި، މިދުވަސްކޮޅު ޣައްޒާއަށް ކުރަމުންދާ ވިއްސާރައިގައި، ހާލުގައި ޖެހިފައިތިބި އެ ޤައުމުގެ ރައްޔިތުން ވަނީ އިތުރަށް ހާލު ދެރަވެފައެވެ. އެގޮތުން އަމިއްލަ ގެދޮރު ގެއްލި، ޓެންޓުތަކުގައި ދިރިއުޅެމުންދިޔަ އެތައް ހާސް ރައްޔިތުންގެ ޓެންޓުތައް ވެސް ވަނީ ފެންބޮޑުވުމުގެ ސަބަބުން ހަލާކުވެފައެވެ.
ނަސީރް މެޑިކަލް ކޮމްޕްލެކްސް އިން އިއްޔެ މައުލޫމާތު ދިން ގޮތުގައި، ފެންބޮޑުވުމުގެ ހާލަތު ޣައްޒާއިން ތަހައްމަލު ކުރަމުން ދަނިކޮށް ޔަހޫދީ އިޒްރޭލުން ވަނީ ޚާން ޔޫނިސް ސަރަހައްދަށް ބޮމުގެ ހަމަލާއެއް ދީފައެވެ. އެ ހަމަލާގެ ސަބަބުން ޣައްޒާގެ ތިން ރައްޔިތަކުވަނީ މަރުވެފައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި، ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް ކުރިން ނިންމާފައިވާ އެއްބަސްވުމާ އެއްގޮތަށް ދަމާފައިވާ ”ޔެލޯ ލައިން“ ކައިރިން ވެސް އިޒްރޭލުން ހަމަލާތައް ދެމުންގެންދާ ކަމަށާއި އެ ސަރަހައްދަކީ އިޒްރޭލު ސިފައިން ފައިބަން އެއްބަސްވި ސަރަހައްދެއް ކަމަށެވެ.




