މި ސަރުކާރުގެ ”ބޯހިވާހިކަން އެންމެންނަށް“ ސިޔާސަތު ހާއްސަ ކޮށްފައި ވަނީ އެއްވެސް އަމިއްލަ ބޯހިޔާވަހިކަމެއް ނެތި ދިރިއުޅެމުން ދާ އާއިލާތަކަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ރޭގައި ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މުއްތަލިބް މިހެން ވިދާޅުވީ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކަނޑައެޅި ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތު އިފުތިތާހު ކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ބޯހިޔާވަހިކަމުގެ ސިޔާސަތަކީ ”އެކްސެސިބިލިޓީ އާއި އެފޯޑެބިލިޓީ“ އަށް އަމާޒު ކޮށްގެން ރާއްޖޭގައި އެކުލަވައިލި ފުރަތަމަ ބޯހިޔާވަހިކަމުގެ ސިޔާސަތު ކަމަށެވެ.
”މާތްﷲ ގެ ވާގިފުޅާ އެކު، މިއީ ރައްޔިތުން ބާރުވެރި ކުރުވާނެ، އިންސާފުވެރި، ހަމަހަމަ އަދި އިޖުތިމާއީ އަދާލަތު ގާއިމް ކުރެވޭނެ ފަދަ ބޯހިޔާވަހިކަމުގެ ސިޔާސަތެއް“ މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ހައުސިންގް މިނިސްޓަރު ވިދާޅުވީ މި ސިޔާސަތުގެ އެންމެ ބޮޑު އަމާޒަކީ، ވަކިވަކި ފަރުދުން އެ މީހުންގެ ނަމުގައި ގޯތިގެދޮރު ހޯދައި، މުދަލުގެ ގޮތުގައި ބޭނުން ކުރުން ނޫން ކަމަށާއި ދިވެހި ކޮންމެ އާއިލާއަަކަށް ވެސް އަބުރުވެރި ދިރިއުޅުމަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން ކަމަށެވެ. ސަރުކާރުން ބޭނުންވަނީ ކޮންމެ ދިވެހި އާއިލާއަކަށް ވެސް ރައްކާތެރި ބޯހިޔާވަހިކަމެއް ލިބުން ކަމަށް އޭނާ ވިދާޅުވި އެވެ.



