މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ޤައުމަށް ކުރިމަތިވެފައިއޮތް ދަތި ހާލަތުން އަރައިގަނެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޙިކުމަތްތެރި ނިންމުންތަކާއި ދުރު ވިސްނޭ ސިޔާސަތުތަކުގެ ސަބަބުންކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާއަށް މިއަދު ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
އެގޮތުން ނައިބު ރައީސް ޙުސައިން ލަތީފު ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދާއި ދިވެހި މާލިއްޔަތު ހަމަމަގަށް އަޅުވައި ތަރައްޤީގެ ދުވެލި ސީދާ މަގަށް މިސްރާބުކުރުމަށް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގެން ކަމަށެވެ. މިގޮތަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަތީ ދިވެހި⁴ އިޤުތިޞާދާއި މާލިއްޔަތާ ގުޅުންހުރި ކަންކަމުގައި ކުރިން އޮތް އެމްޑީޕީގެ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތްތަކުގެ ސަބަބުންކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެގޮތުން ޤާނޫނުތަކަށް ބެލުމެއް ނެތި، ޚުދު މަޖިލީހުގައި އޭރު އިންނެވި ރައީސް މުޙައްމަދު ނަޝީދު ވެސް ދެކޮޅުހައްދަވަމުން ދަނިކޮށް، ވަކި ޚުދޫދެއް ނެތި ފައިސާ ޗާޕުކުރުމުން ބޮޑެތި ގެއްލުންތަކެއް ދިވެހި މާލިއްޔާއަށް ވެގެންދިޔަކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.



