މާލޭގައި މުޅިން އަލަށް، އޭޓީއެމްގެ ޚިދުމަތްތަކާއި އެކު، ބަސް ސޮޓޮޕް ޢިމާރާތްތަކެއް ތަރައްޤީ ކުރުމަށް، މާލެ ސީޓީ ކައުންސިލުން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މާލެ ސީޓީ ހޯލްގައި އިއްޔެ ކުރިޔަށް ގެންދިޔަ ރަސްމިއްޔާތެއްގައެވެ.
މާލެ ސިޓީ ކައުންސިލްގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ، މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، އަބްދުލް މުޙައިމިން ނަސީރެވެ. އަދި އެމްއައިބީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރ، މުޙައްމަދު ޒުލާލް ޒައީމެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި އެއްބަސްވުމަކީ، ފާހަގަކުރެވޭ މިންވަރަށް، މާލޭގެ ޢާންމު ދަތުރުފަތުރުގެ ވަސީލަތްތައް، ތަރައްޤީކޮށް، ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ފަސޭހަކުރުމަށް އަމާޒުކޮށްގެން، މާލޭގެ ހަތަރު ސަރައްދެއްގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް ކަމަށެވެ.
އެ އިމާރާތްތައް ތަރައްގީކުރަން ހަމަޖެހިފައި ވަނީ މާލޭގެ މީހުން ގިނައިން އެއްވެ އުޅޭ މުހިއްމު ހަތަރު ސަރަހެއްދެއް ކަމަށްވާ މަޖީދީމަގު، މާފަންނު މައިޒާނާއި، އަމީނީމަގުގައި ހުންނަ ސިނަމާލެ 3އާއި، ބޮޑުތަކުރުފާނު މަގުގައި ހުންނަ، ތައިސޭކޮށި އަދި ބޮޑުތަކުރުފާނު މަގު، ރާޅުގަނޑު ސަރަހައްދުގައި ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
ޢާންމު ބޭނުންތަކަށް ތަރައްޤީ ކުރެވޭ ވަސީލަތައް ޤާއިމްކުރުމުގެ މި މަޝްރޫޢުގެ ޖުމުލަ ޚަރަދު، އެމްއައިބީ އިން، ކުރުމަށް އެއްބަސްވެފައިވާއިރު، މި އިންތިޒާމް ބައްޓަންކުރެވިފައިވަނީ 10 އަހަރުގެ މުއްދަތަށް ކުލި ދައްކަން ނުޖެހޭ ގޮތަށް ކަމަށް ސިޓީ ކައުންސިލުން ހާމަކުރެެއެވެ.
ބަސް ސްޓޮޕް ޢިމާރާތްތަކާއި، އޭޓީއެމް ކިއޮސްކްތައް ހިމެނޭ މި ވަސީލަތްތައް ފަރުމާކޮށް، ޢިމާރާތްކޮށް، އަދި ބެލެހެއްޓުމުގެ ޒިންމާއަކީ އެމްއައިބީގެ ޒިންމާއެއް ކަމުގައި އެ އެއްބަސްވުމުގައި ބުނެފައި ވެއެވެ.
އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ނުވަތަ ނިމުމަކަށް އައުމުން، ޢިމާރާތްކުރެވިފައިވާ ޢިމާރާތްތަކާއި ދާއިމީ ސްޓްރަކްޗަރތައް، ބިމުގައި ދެމިހުންނާނެ ކަމަށާއި އެ ތަން ވެގެންދާނީ ސިޓީ ކައުންސިލުގެ ތަނެއްގެ ގޮތުގައި ކަމަށް ވެސް އެ އެއްބަސްވުމުގައި ބުނެފައިވެއެވެ.
”މި އިމާރާތްތައް ތަރައްޤީ ކުރުމުގައި ދެ ފަރާތުން ވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ބަސްހުއްޓާ ސަރަޙައްދުގައި، އެ ތަނަށް ވަދެނިކުތުމަށް އެއްވެސް ހުރަހެއް ނުވަތަ ދަތިކަމެއް ދިމާނުވާނެގޮތަކަށް ތަން ފަރުމާކުރުމަށް“ ސިޓީ ކައުންސިލުން ހާމަކުރެެއެވެ.
މިއީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ބޭނުންތެރި އަދި ފަސޭހައިން ވާސިލުވެވޭ ބަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޒަރީޢާއިން އާންމު މަޞްލަޙަތަށް އިސްކަންދީގެން ޚިދުމަތްކުރުމުގެ މަޤްޞަދުގައި ތަރައްޤީ ކުރާ ތަނެއް ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.




