މަދީނާގައި ބަހަކާއި ޑީސަލް ޓޭންކަރެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އިންޑިއާގެ 42 އުމްރާވެރިއަކު ނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި މި އެކްސިޑެންޓު ހިނގީ މައްކާއިން މަދީނާއަށް އެ ބަސް ދަތުރުކުރަނިކޮށެވެ. އެ ރިޕޯޓްތައް ބުނާ ގޮތުގައި އެކްސިޑެންޓު ހިނގި ބަހުގައި އަންހެނުންނާއި ކުޑަކުދިން ވެސް ތިއްބެވެ. އަދި އެންމެންނަކީ ވެސް އިންޑިއާގެ ހައިދަރްއާބާދަށް ނިސްބަތްވާ މީހުން ކަމުގައި ވެސް ބުނެފައިވެއެވެ.
މި އެކްސިޑެންޓު ހިނގީ މައްކާގައި އުމްރާގެ އަޅުކަން އަދާކުރުމަށް ފަހު މަދީނާއަށް ދިޔަ މަގުމަތީގައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެކްސިޑެންޓުވި ބަހުން ސަލާމަތްވީ އެންމެ މީހެކެވެ.
މި އެކްސިޑެންޓު ހިނގުމާއެކު ބަހުގައި އަލިފާން ރޯވި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވީ މި ހާދިސާއާ ގުޅިގެން، އިންޑިއާގެ އޮފިޝަލުން ސައުދީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.



