ފަތުރުވެރިކަމާއި މަސްވެރިކަމާއި ޓެކްސީކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށް 350 ފްލެޓް ޚާއްސަކޮށްފިއެވެ.
މިކަން ހާމަކޮށްފައި ވަނީ މިދިޔަ ހުކުރުދުވަހުގެރޭ އާންމުކުރި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ”ބޯހިޔާވަހިކަން އެންމެންނަށް“ އުސޫލުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގައެވެ.
ދިވެހިރައްޔިތުންގެތެރޭގައި ހިމެނޭ އުމުރުން 18 އަހަރު ފުރިފައިވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެކެވެ.
އެގޮތުން އެ އުސޫލުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޙާއްސަ އިސްކަންދެވޭ ކެޓަގަރީތަކުގެ ތެރޭގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި ޓެކްސީކޮށްގެން އާމްދަނީ ހޯދާ ފަރާތްތައް ހިމެނެެއެވެ.
މިއީ މިފަދަ ސިނާއަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުން ފުރަތަމަ ފަހަރަށް،ހުޅުވާލި ހައުސިން ސްކީމެވެ.
އެ 3 ދާއިރާ ހިމެނޭހެން ޖުމްލަ 350 ފްލެޓް އެ ފަރާތްތަކަށް ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.
މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާއަދާކުރާ ފަރާތްތަކަށް 200 ފްލެޓް ހިމަނާފައި ވާއިރު މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް ވަނީ 100 ފްލެޓް ހިމަނާފައެވެ.
އަދި މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްވެސް ވަނީ 50 ފެލެޓް ކަނޑައަޅާފައެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން ހައުސިން ޔުނިޓަށް އެދި ހުށަހެޅުމަށް ހުޅުވާލާނީ އަންނަ ޖަނަވަރީ 4 އިން ފެށިގެން މާރިޗު ތިން ވަނަ ދުވަހުގެ ނިޔަލަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.



