ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އަލަތު ކައިވެނި ކުރާ ފަރާތްތަކަށް 250 ފުލެޓު އަދި އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް 100 ފުލެޓު ކަނޑައަޅައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ މިދިޔަ ހުކުރުދުވަހުގެރޭ އާންމުކުރި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ”ބޯހިޔާވަހިކަން އެންމެންނަށް“ އުސޫލުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގައެވެ.
ދިވެހިރައްޔިތުންގެތެރޭގައި ހިމެނޭ އުމުރުން 18 އަހަރު ފުރިފައިވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެކެވެ.
އެގޮތުން އެ އުސޫލުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޙާއްސަ އިސްކަންދެވޭ ކެޓަގަރީތަކުގެ ތެރޭގައި އަލަތު ކައިވެނި ކުރާ ފަރާތްތަކާއި އެކަނި ދަރިން ބަލާ މައިންނާއި ބަފައިން ހިމެނެއެވެ.
އެ 2 ދާއިރާ ހިމެނޭހެން ޖުމްލަ 350 ފްލެޓް އެ ފަރާތްތަކަށް ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.
އެގޮތުން މާލޭގައި އާއިލާ ބިނާކޮށްފައިވާ އަލަތު ކައިވެނިކުރާ ފަރާތްތަކަށް 250 ފްލެޓް ހިމަނާފައި ވާއިރު މާލޭގައި އާއިލާ ބިނާކޮށްފައިވާ އެކަނި ދަރިންބަލާ މައިންނާއި ބަފައިންނަށް ވަނީ 100 ފްލެޓް ހިމަނާފައެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 18 އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން ހައުސިން ޔުނިޓަށް އެދި ހުށަހެޅުމަށް ހުޅުވާލާނީ އަންނަ ޖަނަވަރީ 4 އިން ފެށިގެން މާރިޗު ތިން ވަނަ ދުވަހުގެ ނިޔަލަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ.




