ގެދޮރުގެ ދަތިކަން ހައްލުކުރުމަށް މި ސަރުކާރުން ކަނޑައެޅި ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ދޫކުރާ ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލި 10،000 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަށް 2 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގައި ފްލެޓް ދޭނެ ދެ މޮޑެލްއެއް ވަނީ ކަނޑައަޅައިފަ އެވެ.
އެއީ، މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި މަރުކަޒީ ބޭންކު، އެމްއެމްއޭ އިން ތައާރަފުކޮށްފައިވާ ”އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް“ގެ ދަށުން ދެ ގޮތަކަށް ދޭ ފްލެޓެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ ހުރިހާ ފްލެޓެއް ވެސް ވަންނާނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ތެރެއަށް ކަމަށާއި އެ ޕްރޮގްރާމްގެ ދަށުން ދޫކުރާ ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލި 10،000 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ.
”3،000 އެއީ ބީއެމްއެލް، އަދި ބޭރުގެ ގައުމުތަކުގެ ދީލަތި އެހީގައި އެޅޭ 4،500 ފްލެޓާ އެކު ޖުމްލަ 7،500 ފްލެޓް އަޅާއިރު ކެޓަގަރީތައް ވެސް އެ އޮތީ އިއުލާންކޮށްފައި،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ބޯހިޔާވަހިކަމަށް ވާތީ، އެކަން ފުއްދުމުގެ ގޮތުން އަންނަ ޖެނުއަރީ މަހު ހުޅުވާލާ ގޯއްޗާއި ފްލެޓަށް ހާއްސަކޮށްފައިވާނީ އެންމެ ބޭނުން ޖެހިފައިވާ މީހުންނަށެވެ.


