މި ސަރުކާރުގެ 104 ހަފްތާގައި، ފާއިތުވީ 2 އަހަރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހާސިލު ކޮށްފައިވާ ކާމިޔާބީތައް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެ ކުންފުނިން އިއްޔެ ވަނީ އެކަމާ ގުޅޭ ގިނަ ޕޯސްޓުތަކެއް ”އެކްސް“ މެދުވެރިކޮށް ހިއްސާ ކޮށްފައެވެ.
އެގޮތުން ސަރުކާރުގެ ދެވަނަ އަހަރުގެ ތެރޭގައި އެމް.ޕީ.އެލްއިން ހާސިލްކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި، ހުޅުމާލޭ ބޮންޑަޑް ވެއަރހައުސްގެ ޖާގަ އިތުރުކުރުން ހިމެނެއެވެ. މި މަސައްކަތް އެ ކުންފުނިން ފުރިހަމަ ކޮށްފައިވަނީ ނިމިދިޔަ 2024 ވަނަ އަހަރުގައެވެ.
މީގެއިތުރުން އަލިފާން ނިވާފުޅި ރީފިލް ކުރުމާއި ސާވިސް ކުރުމުގެ މަސައްކަތް ވެސް އެމްޕީއެލް އިން ވަނީ މި ފާއިތުވީ ދެ އަހަރު ފަށާފައެވެ. އެމްޕީއެލްއިން ބުނި ގޮތުގައި މި ހިދުމަތް ސޭފްޓީ ޑިޕާޓްމަންޓުން ދޭން ފެށުމުން އެ ކުންފުނިން ބަލަހައްޓަމުންދާ ބަނދަރުތަކުގައި ބޭނުންކުރާ އަލިފާން ނިވާ ފުޅިތައް ރީފިލް ކުރުމާއި ސާވިސް ކުރުމަށް އެމްޕީއެލް އިން ކުރަމުންދާ ޚަރަދުތައް ކުޑަވެގެން ދާނެއެވެ.
އިތުރު ކަންކަމަށް ބަލާއިރު ސްޓިވަޑޯރިންގ ފީތައް ޑޮލަރުން ނަގަން ފެށުން ހިމެނެއެވެ. މިކަމުގެ ސަބަބުން ކުންފުނީގެ ބޭނުންތަކަށް ބޭރު ފައިސާ ގަންނަން ކުރާ ހޭދަ ކުޑަކުރެވިފައިވާ ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.
ސަރުކާރަށް ދެ އަހަރުގެ ތެރޭގައި، ރާއްޖޭގައި ފުރަތަމަ ފަހަރަށް މެރިޓައިމް ދާއިރާއަށް ޚާއްސަކޮށްގެން ބައިނަލްއަޤްވާމީ ކޮންފަރެންސެއް ވެސް އެމްޕީއެލް އިން ވަނީ ބާއްވާފައެވެ.
ހުޅުމާލެ ޓަރމިނަލްގައި ޖެނެރަލް ކާގޯ ވެއަރހައުސްއެއް ވެސް އެމްޕީއެލް އިން ވަނީ މި މުއްދަތުގައި ޤާއިމްކޮށްފައެވެ.
މީގެއިތުރުން އެމްޕީއެލްއިން، ހެލްތް އެންޑް ސޭފްޓީ އަށް ހާއްސަ ފެސިލިޓީއެއް ޤާއިމްކުރުން ވެސް ހިމެނެއެވެ.
އެމް.ޕީ.އެލްއިން ހާސިލްކުރި ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި، ރާއްޖޭގައި 12 އަހަރުގެ މެދުކެނޑުމައްފަހު ”މޮޑާން ޕޯޓް މެނޭޖްމަންޓް“ ޕްރޮގްރާމް ފެށުން ވެސް ހިމެނެއެވެ.




