ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް، ޑިޖިޓަލް އައު ޒަމާނަކަށް ދިވެހިރާއްޖެ ވާސިލްކޮށްދިނުމަށް ހިންގަންފަށާފައިވާ ”މޯލްޑިވްސް 2.0“ މަޝްރޫޢަކީ، ދިވެހިރާއްޖޭގެ މުސްތަޤުބަލުގެ ތާރީޚު ބަދަލުކޮށްލާނެ މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި، ޒުވާނުންގެ މަރުކަޒުގައި ރޭގައި ބޭއްވި ”ރައްޔިތުންނާއެކު ކުރިއަށް- ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު“ގައި، ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް އިފްތިތާޙްކުރައްވާފައިވާ ޕްރޮގްރާމެކެވެ.
އެގޮތުން އެމަނިކުފާނުގެ ޚާއްސަ އިސްނެންގެވުމާއެކު، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ މޯލްޑިވްސް 2.0 މަޝްރޫޢުގެ ދަށުން ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަނެވެ. ރައީސްގެ ވާހަކަފުޅުގައި އެކަން ފާހަގަކުރެއްވިއެވެ. އެންސްޕާގެ ބައެއް ޚިދުމަތްތައްވެސް މި ވިއުގައިން މިހާރު ދޭން ފަށާފައިވާއިރު، މުޅި ޞިއްޙީ ދާއިރާއަށް މިކަން ތަޢާރަފުވުމާއެކު ހުރިހާ ރައްޔިތުންނަށް އެކަމުގެ އަސަރު ނުވަތަ ފައިދާކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިފަދަ ބަދަލުތައް ބަލައިގަތުމަށް ފަސްޖެހެވޭ ގޮތްވުމަކީ އިންސާނީ ޠަބީޢަތްކަމަށާ، ނަމަވެސް ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރަމުންދާނީ ’ޑިޖިޓަލް ފަސްޓް ނޭޝަން‘ އެއްގެ ގޮތުގައި ޤައުމު ބިނާކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައިވެސް މިކަމަށް ޚާއްޞަ އިސްކަމެއްދެއްވާފައި ވާނޭކަމަށާ، 2026 ވަނަ އަހަރުގެ އެންމެ ނަތީޖާ ރަނގަޅު އެއް ވާހަކައަށްވެސް މިކަންވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



