ޚާރިޖީ ގުޅުމުގެ ތެރެއިން އެންމެ އިސްކަންދެނީ ޢަރަބި އިސްލާމީ ދުނިޔެއާ ގުޅުން ބަދަހިކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ 2 އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވަނީ ”މޯލްޑިވްސް ފަރސްޓް“ ޚާރިޖީ ސިޔާސަތުގެ ދަށުން ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހޯދިފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސް ވިދާޅުވީ މި ޤައުމަށް އެންމެ ރަނގަޅުވާނޭ ގޮތްތައް ޚާރިޖީ ގުޅުންތަކުގެ ތެރެއިން ހޯދުމަކީ ދިވެހި ރައްޔިތުން އެންމެ ބޭނުންވާނޭ ގޮތް ކަމަށެވެ.
މިގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ހާރިޖީ ގުޅުމުގެ ތެރެއިން އެންމެ މުހިންމު އިސްކަމެއް ދެނީ ޢަރަބި އިސްލާމީ ދުނިޔެއާ ގުޅުން ބަދަހިކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ސައޫދީ އަކީ ޚާއްސަކޮށް ރާއްޖެއާ އެންމެ ގާތް ޤައުމު ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވަނީ ސަޢުދީ ޢަރަބިއްޔާއާއި ރާއްޖެއާ އެކީގައި އޮތް ގުޅުމުގެ ތެރެއިން ސަޢުދީ ރަސްގެފާނު އަދި ވަލީ އަޙުދު ދިވެހި ރައްޔިތުންނަށް ދެއްވާ އިސްކަމުގެ ތެރެއިން މައްކާ ރޫޓް އިނިޝިއޭޓިވްވެސް ހަމަޖެހިގެން ދިޔަކަން ފާހަގަކުރައްވާފައެވެ.




