މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައި ދިނުމަށް މި ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢު އިން 25،000 ގޯތި ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މި ސަރުކާރުގެ 2 އަހަރުގެ ކާމިޔާބީ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވާލާ ގޯއްޗާއި ފްލެޓްތަކުގެ ޝަރުތު ކަނޑައަޅާފައި ވަނީ އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ހާއްސަވާ ގޮތަށް ކަމަށެވެ.
އެގޮތުން މި ސަރުކާރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބޯހިޔާވަހިކަމުގެ ޔަގީންކަން ހޯދައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”އެ ވައުދު ފުއްދުމާ ހަމައަށް ދާން އެބަހުރި އިތުރު މަޝްރޫއުތައް. އެހެންވީމަ އެއްގޮތަކަށް ވެސް އެއްވެސް ބޭފުޅަކު މާޔޫސްވެ ވަޑައިނުގަންނަވާތި،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަސްމާލެ އިން 15،000 ގޯތި ފުރަތަމަ ދޭން ނިންމާފައިވާ ކަމަށާއި މުޅި ރަސްމާލެއަކީ 25،000 ގޯތި ކަމަށެވެ. އަދި ރަސްމާލެއިން ދޭނީ ގޯތި އެކަނި ނޫން ކަމަށާއި އެ ތަން އޮންނާނީ މޮޑާން އިކޯ ސިޓީއެއްގެ ގޮތުގައި ކަމަށެވެ.


