އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް 7،000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ އިއުލާންކޮށްފި އެވެ.
އީސީން ކުރި އިއުލާނެއްގައި ބުނީ އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށާއި ޑަބްލިޔުޑީސީ މެންބަރުން ހޮވަން ބާއްވާ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ އޮފިޝަލުން ހޯދަމުން އަންނަ ކަަމަށެވެ.
އެގޮތުން މި ފުރުސަތު އެ ކޮމިޝަނުން ހުޅުވާލާފައިވަނީ އަންނަ މަހުގެ 21ވަނަ ދުވަހުގެ 3:00 އާ ހަމައަށެވެ.
އީސީން ބުނީ އަންނަ އަހަރުގެ މާޗު 28 ގައި ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންނަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލުންނަށްވާން އެދޭ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ޢުމުރުން 18 އަހަރުވެފައިވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރާ މީހަކަށް ނުވުން ހިމެނެއެވެ. މީހުންނަށެވެ.
ހަމައެހެންމެ ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުމާއި އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރެއް ކަމުގައި ނުވުމާއި ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލައި ފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
އަދި ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމަކީވެސް އިންތިޚާބުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ހުންނަންޖެހޭ ޝަރުތެއް ކަމަށް އީސީގެ އިއުލާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 2900 ރުފިޔާގެ އުޖޫރައެއް ކަނޑައަޅާފައިވާއިރު ވެރިޔާގެ އެހީތެރިންނަށް 2600 ރުފިޔާވަނީ ކަނޑަ އަޅާފައެވެ.
އަދި އޮފިޝަލުންނަށް 2300 ރުފިޔާ ހަމަޖެހިފައިވާއިރު ވޯޓު ގުނާ އޮފިޝަލުންނަށް 1800 ރުފިޔާ އަދި ރިޒަރވް އޮފިޝަލުންނަށް 1000 ރުފިޔާގެ އުޖޫރައެއް ދިނުމަށް ވަނީ ނިންމާފައެވެ.



