ދައުލަތުގެ ފާޓިލިޓީ ކެއާ ފަންޑުގެ ދަށުން އައިވީއެފް ފަރުވާއަށް އާސަންދަ ހިމެނޭ ގޮތަށް ފަރުވާ ހޯދުމަށް 50 ދެމަފިރިއަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ނެރުނު ބަޔާނެއްގައި ބުނީ އައިވީއެފް ފަރުވާއަށް އާސަންދަ ކަވަރޭޖު ހިމެނޭ ގޮތަށް ފަރުވާ ހޯދުމަށް ކުރިމަތިލާން 50 ދެމަފިރިއަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އެންސްޕާއިން ވަނީ މި އަހަރުގެ މި ޕްރޮގްރާމުގެ ދަށުން އެންމެ ގިނަ ޕޮއިންޓް ލިބޭ 50 ދެމަފިރިއަކަށް އާސަންދައިގެ ކަވަރޭޖު ލިބޭނެކަން ހާމަކޮށްފައެވެ.
އާސަންދައިގެ ދަށުން އައިވީއެފް އަދި އައިޔޫއައި ފަރުވާ ދިނުމުގެ ސިޔާސަތު އެންސްޕާގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.
މި ފަރުވާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ނޮވެމްބަރު 20 އިން ފެށިގެން ޑިސެމްބަރު 20 ވަނަ ދުވަހާ ހަމައަށެވެ.
އެ ފަރުވާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ސަރުކާރުގެ ޕޯޓަލް މެދުވެރިކޮށެވެ.
ރާއްޖޭގައި އައިވީއެފް އަދި އައިޔޫއައި ފަރުވާ ލިބެން ހުންނަނީ ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.




