މި ސަރުކާރަށް 104 ހަފްތާވީއިރު 4 ސިޓީއެއްގައި ޔޫތު ތަރޑް ސްޕޭސް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ހަތަރު ސިޓީއަކީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީއެވެ.
މި 4 ސިޓީގައި ޔޫތު ތަރޑް ސްޕޭސް ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 6 ނޮވެންބަރުގައެވެ.
ޔޫތު މިނިސްޓްެރީން ބުނީ މި މަސައްކަތް ހަވާލުކޮށްފައިވަނީ ސެންޓަރ ލޭންޑް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.
އެގޮތުން މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އައްޑޫ އަދި ފުވައްމުލައް ސިޓީގައި ޔޫތު ތަރޑް ސްޕޭސް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިބްރާހިމް ވަހީދެވެ.
ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ބިނާކުރާ ޔޫތު ތަރޑް ސްޕޭސް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ޝައްމާނެވެ. ސެންޓަރ ލޭންޑް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޕޮރޮޖެކްޓް މެނޭޖަރ ހުސައިން އަބްދުއްރަޙްމާނެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ޔޫތު ތަރޑް ސްޕޭސްއަކީ ޒުވާނުންނަށް މުނިފޫހިފިލުވުމާއި، އީޖާދީ މަސައްކަތްތަކާއި، ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދޭނެ މަރުކަޒެއް ކަމަށެވެ.
މީގެ ސަބަބުން ޒުވާނުންގެ ދުޅަހެޔޮކަން އިތުރުވެ، މަޢުލޫމާތާއި ތަމްރީނުގެ ފުރުސަތުތައް ލިބި، ވިޔަފާރީގެ ދާއިރާއަށް ވަނުމަށާއި، ކޮމިއުނިޓީ ބިނާކުރުމުގެ މަސައްކަތްތަކަށް ބާރެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.




