މިދިޔަ އޮކްޓޯބަރު މަހުގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް 17.7 މިލިއަން ރުފިޔާއަށް ޚަރަދުކުރިކަން އެ އެޖެންސީގެ ހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އިއްޔެ އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، އެންމެ ގިނައިން މިދިޔަ މަހު ޚަރަދުކުރީ، ބިހޭވިއަރ ތެރަޕީއަށެވެ. އެ ބާވަތުގެ ތެރަޕީއަށް 4.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އޮކިއުޕޭޝަނަލް ތެރަޕީއަށް މިދިޔަ މަހު ވަނީ، 4.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.
އޭގެ އިތުރުން ދެން އެންމެ ގިނައިން މިދިޔަ މަހު ހޭދަކޮށްފައި ވަނީ، ސްޕީޗް ތެރަޕީއަށެވެ. އެފަދަ ތެރަޕީތަކަށް 283 މީހުންނަށް 3.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި އެޑިއުކޭޝަނަލް ތެރަޕީއަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.
މިދިޔަ މަހު އެންމެ މަދުން އެންސްޕާއިން ޚަރަދުކުރީ، ފިޒިއޯ ތެރަޕީއަށެވެ. އެ ބާވަތުގެ ތެރަޕީއަށް 226،236 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އެންސްޕާއިން މިދިޔަ މަހު، ތެރަޕިއުޓިކް ފަރުވާ 532 މީހުންނަށް ވަނީ ހަމަޖައްސައިދީފައެވެ. އޭގެތެރޭގައި އެންމެ ގިނައީ، 18 އަހަރުން ދަށުގެ 512 މީހުން ކުދިން ހިމެނޭއިރު، 18 އަހަރާ 62 އަހަރާ ދެމެދުގެ 20 މީހުން ހިމެނެއެވެ.



