ނިމިދިޔަ ސަރުކާރުގައި އިދިކޮޅު އެމްޑީޕީއަށް ”ބާރު އޮވެ“، އެއްވެ އުޅުމުގެ ގާނޫނު އުވާނުލެވުމަކީ ހެދުނު ގޯހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
އެ ގާނޫނު އުވާލަން އެމްޑީޕީގެ ފަރާތުން މީކާއީލް މަޖިލީހަށް ހުށަހެޅުއްވީ މި މަހު 3ވަނަ ދުވަހެވެ. އެކަމަކު، މިދިޔަ ފަސް އަހަރު ސަރުކާރުގައި ތިބެ، މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އޮވެ އެ ގާނޫނު އެމްޑީޕީން އުވައެއް ނުލައެވެ. އޭރު އޮތް 19 ވަނަ މަޖިލީހުގައި ވެސް މީކާއީލް އިންނެވިއެވެ.
އެ ބިލަށް ބަހުސްކުރައްވަމުން މީކާއީލް މިއަދު ވިދާޅުވީ، އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް އޮތް ގާނޫނަކީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ޚިލާފު ގާނޫނެއް ކަމަށެވެ. އަދި، އެ ގާނޫނު އުވާލުމަކީ 2018 ވަނަ އަހަރު ވެސް އެމްޑީޕީން ވީ ވައުދެއް ކަމަށެވެ.
”އޭރުގެ ކާށިދޫ ދާއިރާގެ މެންބަރު [އަބްދުﷲ] ޖާބިރު އެ ބިލު ހުށަހަޅުއްވާ، ރައްޔިތުންގެ މަޖިލީހުގައި އެތައް ދުވަހެއް ވަންދެން އެ ބިލު ބޭއްވުމަކީ، އަޅުގަނޑުމެން މިއަދު އެކްނޮލެޖްކުރަން އިއްޒަތްތެރި ރައީސް، ހެނދުނު ވަރަށް ބޮޑު ގޯހެއް،“ އޭނާ އެއްބަސްވެލެއްވިއެވެ.
މެންބަރު މީކާއީލް ވިދާޅުވީ، ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުން ވަރަށް މަދުން ނޫނީ ހެދޭ ގޯސްތައް ގަބޫލުނުކުރާ ކަމަށެވެ.




