މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ގެ ދަށުން މިހާތަނަށް 53 މީހުން ތަމްރީނުކުރެވިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ މިނިސްޓްރީން ބުނެފިއެވެ.
މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން ކުރިއަށްގެންދާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއާއި ޓްރާންސްފޯމް ޕްރޮޖެކްޓް ގުޅިގެން، މެރިކަލްޗަރއަށް ޝައުޤުވެރިވާ ފަރާތްތަކަށް އަސާސީ މެރިކަލްޗަރ ހުނަރުތައް ދަސްކޮށްދިނުމަށް ރޭވިފައިވާ ޚާއްޞަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ކަނޑުގެ ދިރުންތައް އާލާކުރުމާއި ތަރައްޤީކުރުމުގެ ދާއިރާއިން އާމްދަނީ ހޯދޭނެ ފަންނުވެރި މީހުން ބިނާކުރުމެވެ.
ޕްރޮގްރާމުގައި ހިމެނޭ މައިގަނޑު ބައިތައް:
• އެކުއަކަލްޗަރގެ ނިޒާމުތައް
• ދިރޭ ކާނާ އާލާކުރުން
• ފާނަ ވިހައި ކުދިފާނަ ބޮޑުކުރުން
• ހުއިފިލަނޑާ ވިހައި ކުދި ހުއިފިލަނޑާ ބޮޑުކުރުން
• ދިވެހި މާގަނޑުމަސް ވިހައި ކުދިމަސް ބޮޑުކުރުން
• އިތާމުތް އާލާކުރުން
• އާލާކުރާ ދިރުންތަކަށް ޖެހޭ ބަލިތައް ދެނެގަތުމާއި ބަލިތަކުން ރައްކާތެރިކުރުން
• ދިރުން އާލާކުރުމުގައި ތިމާވެށި ރައްކާތެރިކުރުން
މި ޕްރޮގްރާމުގެ ސަބަބުން ދިވެހިރާއްޖޭގައި މެރިކަލްޗަރއާ ގުޅޭ ހޭލުންތެރިކަން އިތުރުވެ، މި ދާއިރާއިން އަސާސީ ތަމްރީނު ލިބިފައިވާ ފަންނުވެރިން އުފެދިގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ވިޔަފާރި އުސޫލުން ހިންގާ މެރިކަލްޗަރ މަޝްރޫޢުތަކުގައި ފަންނީގޮތުން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށެވެ.



