ޒަމާނީ ދަނޑުވެރިކަމަކީ ޤައުމީ ފެންވަރުގައި އިސްކަންދޭންޖެހޭ އަސާސީ ދާއިރާއެއް ކަމަށް މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަރްޔަމް މާރިޔާ މިހެން ވިދާޅުވީ ކ. ކާށިދޫގައި ކުރިޔަށް ގެންދިޔަ ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ޕްރޮގްރާމްގެ ބައިވެރިންވަނީ ގްރީންހައުސް ސިސްޓަމްތަކާއި ޒަމާނީ އާލާތްތައް ބޭނުންކުރާނެގޮތް ދަސްކޮށްފައެވެ.
އަދި ވެލިނުލާ ކުރާ ދަނޑުވެރިކަމާއި ޒަމާނީ ނިއުޓްރިއަންޓް މެނޭޖްމަންޓްގެ ދާއިރާގައި ވަނީ އަމަލީ ތަޖުރިބާ ހޯދާފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖެ މިވަނީ ބިމުގެ ދަތިކަމާއ،ި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ ނާޒުކުކަމާއި އިތުރުވަމުންދާ އާބާދީގެ ބޭނުންތައް ފުއްދުމަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައި ކަމަށެވެ.
އެހެންކަމުން މިފަދަގޮންޖެހުންތަކުން އަރައިގަތުމަށްޓަކައ،ި ޒަމާނ،ީ ހަރުދަނާ އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީތައް ހަލުވި ކަމާއިއެކު ތަޢާރަފުކޮށް ބޭނުންކުރުން ވަރަށް މުހިންމު ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
ޒަމާނީ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނާއި މުހާތަބުކޮށް، މިނިސްޓަރު ވިދާޅުވީ މިއީ ހަމައެކަނި ހުނަރުތައް އިތުރުކުރުމަށް ރާވާފައިވާކަމެއް ނޫން ކަމަށެވެ.
އެގޮތުން މިއީ ދަނޑުވެރިންގެ މުސްތަޤުބަލު ބައްޓަންކުރުމުގައި އިސް ދައުރެއް އަދާކުރާނެ ފަރާތްތަކެއްގެ ގޮތުގައ،ި އީޖާދީ ޚިޔާލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ ވަސީލަތްތަކާއެކު ތައްޔާރުކުރުމަށް ރޭވިފައިވާ ސްޓްރެޓީޖިކް މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




