އެންޓީގާ އެންޑް ބާބުޑާއަށް ކަނޑައަޅުއްވާ ސަފީރަކަށް ޝިރުޒިމަތު ސަމީރު ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
އެ މަގާމަށް ޝިރުޒިމަތު އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ އިއްވަވާފައެވެ.
އަދި އެ މަގާމަށް ޝިރުޒިމަތު އައްޔަން ކުރެއްވުމަށް ދިރާސާ ކުރުމަށްފަހު މައްސަލަ ނިންމިގޮތުގެ ރިޕޯޓް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
އެގޮތުން އެ ކޮމިޓީންވެސް ފާސްކުރީ އެންޓީގާ އެންޑް ބާބުޑާއަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރު ކަމަށް ޝިރުޒިމަތު އައްޔަންކުރަން ފެންނަ ކަމަށެވެ.
އެހެންކަމުން މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ މެދުގައި ނެގި ވޯޓެއްގައި ޝިރުޒިމަތު އައްޔަން ކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ޝިރުޒިމަތު ވަނީ ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައެވެ.
އެ ކަމަނާ މީގެ ކުރިން އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި ބަންގްލަދޭޝް އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމާއި ފޮރިން މިނިސްޓްރީގެ އީސްޓް އެންޑް ސެންޓަރަލް އޭޝިއާ ޑިވިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގެ އިތުރުން މޯލްޑިވްސް އެމްބަސީ އިން ޖާމަނީގެ މިނިސްޓާ ކައުންސެލާގެ ހިމެނެއެވެ.



