ޖަނަވާރު ރައްކާތެރި ކުރުމަށް އެކުލަވާލި ”ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު“ މަޖިލިހުން ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުރަހްމާންއެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ 52 މެންބަރުންގެ އިއްތިފާޤުންނެވެ.
މި ބިލުގައި ޖަނަވާރުގެ ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލުކުރަންވީ ގޮތާއި، ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާ ގުޅޭ އުސޫލުތަކާއި މި ގާނޫނާ ޚިލާފުވެއްޖެނަމަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ކަނޑައަޅާފައެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއި ގަވައިދާ ޚިލާފަށް ޖަނަވާރު އިމްޕޯޓުކޮށް އެކްސްޕޯޓު ކޮށްފިނަމަ 5،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.
އަދި ގާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގާނޫނާ ޚިލާފަށް ޖަނަވާރު ގެންގުޅެ، ސާމްޕަލް އޮޅުވާލައި، ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ކޮށްފިނަމަ 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށްވެސް މިބިލުގައި ބުނެފައި ވެއެވެ.
ހަމައެހެންމެ ޖަނަވާރަކަށް އަނިޔާއެއް ދިނުމާއި އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަކުން ޖޫރިމަނާކުރެވޭނެ ކަމަށްވެސް މި ބިލުގައި ބުނެފައި ވެއެވެ.
މި ބިލުގައި، އެނިމަލް ވެލްފެއާ މިނިސްޓްރީއަށް ބާރުތަކެއް ވަނީ ދީފައެވެ. އެ ގާނޫނުގެ ދަށުން ސިޔާސަތު ކަނޑައަޅައި، ގާނޫނު ތަންފީޒުކުރާ މައި އިދާރާއަކީ އެނިމަލް ވެލްފެއާ މިނިސްޓްރީ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
މިގޮތުން ނުރައްކާތެރި ޖަނަވާރު އެތެރެކުރެވޭނީ ޑިފެންސް މިނިސްޓްރީގެ ޚާއްސަ ހުއްދައެއް ނަގައިގެން ކަމަށް އޮތް އޮތުން އުވާލުމަށް ފަހު މިހާރު ހުއްދަ ނަގަން ޖެހޭނީ އެނިމަލް ވެލްފެއާ މިނިސްޓްރީން ކަމަށް މި ބިލުގައިވަނީ ހިމަނާފައެވެ. އަދި ޖަނަވާރުން ގެންގުޅޭ ތަންތަން އިންސްޕެކްޓްކުރުމުގެ ބާރު ވެސް ވަނީ އެ މިނިސްޓްރީއަށް ދީފައެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާކުރުމާއި، ވިޔަފާރިކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުމެވެ.



