މި ސަރުކާރުގެ އަމާޒަކީ ހުރިހާ ދިވެހި ރައްޔިތުންނަށް މާލީ މިނިވަންކަން ހޯދައިދިނުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން، ޕީއެސްއެމްއިން ގެނެސްދޭ ހަފްތާ 104 ޕްރޮގްރާމަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހިންނަކީ ހުރިހާ މާނައެއްގައިވެސް މިނިވަން ބައެއްގެ ގޮތުގައި ހެދުމަށް، މިނިވަން ދިވެހިރާއްޖެއެއް ދިވެހިންނަށް ހޯދައިދީ، ދިވެހިންނަކީ އިޤްތިޞާދީ ގޮތުން މިނިވަން ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިޒަމާނުގައި މިނިވަން ވެވޭނީ މާލީގޮތުން މިނިވަންވެވިގެން ކަމަށާއި ރައީސް މުޢިއްޒުގެ ފަސް އަހަރުގެ ވެރިކަން ނިމޭއިރު އިޤްތިޞާދީ މިނިވަންކަން ފުރިހަމަގޮތުގައި ދިވެހިންނަށް ލިބިފައި އޮންނާނެ ކަމަށެވެ.
”މިހާރު މިދާގޮތުން ކުރިއަށްދާނަމަ ދަރަނި މެނޭޖުކުރެވި، އިތުރު އިންވެސްޓްމަންޓްތަކާއި އެކު ލިބޭ އާމްދަނީއާއެކު އިޤްތިޞާދު ޑައިވަރސިފައި ކުރެވި، އަމިއްލަ މަސައްކަތްކޮށްގެން ހިންގޭ ޕްރޮޖެކްޓްތަކުން އާމްދަނީ ހޯދައި، ޑިވެލޮޕަރުންނާއިއެކު ކުރެވޭ މަސައްކަތުން އެހެން ފަރާތަކަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ“ މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެތިބެ، އަމިއްލަވަންތަ އިޤްތިޞާދެއް ބައްޓަންކުރެވިދާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން މި ފަސްއަހަރު ނިމިގެންދާއިރު، އިޤްތިޞާދީ ގޮތުން ފުދުންތެރި، ދިވެހި އެންމެހާ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެކަން ކަށަވަރު ކުރެވި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފައިދާވާގޮތަށް ލިބިދެވޭނެކަން ޔަގީންކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




