ދިވެހިރާއްޖޭގައި މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރިކޮށް، ޝަރަފުވެރި މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމަށް، ’ޑީސެންޓް ވާރކް ކަންޓްރީ ޕްރޮގްރާމް‘ (ޑީޑަބްލިއުސީޕީ) 2025-2031 ތަންފީޒުކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި، މަސައްކަތްތެރިން ތަމްސީލުކުރާ ޖަމްޢިއްޔާތަކާއި ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާތައް އަދި ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ޖަމްޢިއްޔާ (އައިއެލްއޯ) އާ ދެމެދުއެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
”މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އަބުރުވެރި މަސައްކަތުގެ ޕްރޮގްރާމްތައް ކުރިއެރުވުމާއި، މަސައްކަތްތެރިންގެ ހައްޤުތަކަށް އިސްކަންދީ، އިންސާފުވެރި އެއްވެސް ތަފާތުކުރުމެއް ނެތް މަސައްކަތުގެ މާހައުލެއް ބިނާކުރުން“ މިނިސްޓްރީން ބުނެފައި ވެއެވެ.
އެމް.އޯ.ޔޫގައި ސޮއިކުރުމާއެކު، މި އެމް.އޯ.ޔޫގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވަނީ ދިވެހިރާއްޖެއަށް ޚާއްޞަކުރެވިފައިވާ ޑީސެންޓް ވާރކް ކަންޓްރީ ޕްރޮގްރާމް 2025-2031 ތަންފީޒުކުރުމުގައި އެއްބާރުލުން ދިނުމަށް އިޤްރާރުވެފައެވެ.
މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި ލޭބަރ މާކެޓްގެ ހުރިހާ ދާއިރާއަކަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަށެވެ.
ޑީޑަބްލިއުސީޕީގެ މައިގަނޑު ތިން ދާއިރާ:
ޑީޑަބްލިއުސީޕީގެ ދަށުން އިސްކަންދޭ މުހިންމު ތިން ދާއިރާއެއް ކަނޑައަޅާފައިވެއެވެ. އެއީ:
• ހުރިހާ އެންމެންނަށް ހިއްސާކުރެވޭ ތަނަވަސްކަމާއި ޝާމިލުކުރުވަނިވި އިންސާނީ ތަރައްޤީ ކުރިއެރުވުން.
• ބައިނަލްއަޤްވާމީ ލޭބަރ ސްޓޭންޑަރޑްތައް ތަސްދީގުކުރުން އިތުރުކުރުމާއި، މިންތިއާއި ގިންތީގެ ހަމަހަމަ ޤައުމީ ސިޔާސަތުތަކާއި ޤާނޫނުތަކުގެ ތެރެއިން އެކަންކަން ތަންފީޒުކުރުން.
• ޖެންޑަރ ރެސްޕޮންސިވް ޓްރައިޕާޓިޒަމް އަދި އިޖްތިމާޢީ މަޝްވަރާގެ ނިޒާމުތަކާއި، އިޖުރާއަތްތަކާއި، ޤާބިލިއްޔަތުތައް ހަރުދަނާކުރުން.
މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން ބައިނަލްއަޤްވާމީ ފެންވަރުގެ މަސައްކަތުގެ މިންގަނޑުތަކަށް ރާއްޖެ ތަބާވުމަށް މަގުފަހިވެ، މަސައްކަތްތެރިންނަށް ރައްކާތެރިކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމަށް މި މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.



