އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ޝަފީއު މިހެން ވިދާޅުވީ ޕީއެސްއެމްގެ ”ހަފުތާ 104“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
”ވަކި ތަނެއްގައި ކިޔަވަމުންދަނިކޮށް އެތަނުން ދަރިވަރުންނާއި މުދައްރިސުން ނެރެވި، ފާއިތުވެދިޔަ 12، 13 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަރަބިއްޔާގެ ބެލެނިވެރިންނާއި މުދައްރިސުން ވެސް ހޭދަކުރީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް“ މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތުގެ 14 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.
އަދި އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ޓާގެޓު ކަނޑައަޅާފައިވާ ފަދައިން 2027 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށިގެންދާނީ އާ އިމާރާތުގައި،“ މިނިސްޓަރު ވިދާޅުވިއެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރްސީސީއާއެވެ.
އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 152.9 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.



