މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ކުރިއަށްގެންދާ ”ފަހި ޕްރޮގްރާމް – އެކުއެކީ ގުޅިގެން“ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާ ހަމަޖައްސައިދީފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
އެ ރަސްމިއްޔާތުގައި އެ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވާ ވާހަކަދައްކަވަމުން އެ ކަމަނާ ވިދާޅުވީ އެއްގޮތްކަމާއެކު ތަފާތުކުރުންތައް ހުރުމަކީ ދުނިޔޭގެ ތަބީޢަތް ކަމަށާއި އިންސާނުންގެ ތެރޭގައިވެސް އެކި ގާބިލުކަން އެކިވަރަށް އެކި މީހުންގެ ހުންނަ ކަމަށެވެ.
އެމްޕީއެލް އިން ބުނީ މިއަދު އިފްތިތާހް ކުރި ޕްރޮގްރާމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެމްޕީއެލްއިން އެހީތެރިވެދޭނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ސަރވިސް ޢަބްދުﷲ ރަޝީދު ވިދާޅުވީ މިއަދު ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާގެ ފުރުސަތު ހަމަޖެހުނުއިރު މިހާރުވެސް ނުކުޅެދުންތެރިކަން ހުންނަ 32 މީހަކު އެމްޕީއެލްގެ ވަޒީފާގައި ތިބިކަމަށެވެ.
”އޭގެތެރޭގައި ވަޒީފާގައި އުޅޭތާ 10 އަހަރު ވެފައިވާ މީހުން ހިމެނޭ.އަދި ކޮންޓްރެކްޓް އުސޫލުން ވަޒީފާ ހަމަޖެއްސި ނަމަވެސް އޮނިގަނޑުގެ ތެރެއިން ހުނަރަށް ބަލައި މި ފަރާތްތައް އެމްޕީއެލްގެ ދާއިމީ މުވައްޒަފުންނަށް ވާނެ“ އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
މިއަދު އެ ކުންފުނިން ވަޒީފާ ފުރުސަތު ފަހިކޮށްދީފައިވާ ތަންތަނުގެ ތެރޭގައި ކުޅުދުއްފުށި ޕޯޓާއި ސ. ހިތަދޫ ޕޯޓް ހިމެނެ އެވެ.



