ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނައަދަދެއްގެ ސިނގިރޭޓު ކާޓަން ތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ގާނޫނާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓަން ސިނގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓައި، އޭގެތެރެއިން ހަ ކާޓަން ސިނގިރޭޓު ގެއްލިފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަދި އެ ތަކެއްޗަކީ ބިދޭސީއެއްގެ އަތުން މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތަކެތި ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
ފުލުހުން ބުނީ މި ތަކެތީގެ ތެރެއިން 6 ކާޓަން ސިނގިރޭޓު މަދުކަން އެނގިފައި ވަނީ އެ ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް މި މަހުގެ 12 ވަނަ ދުވަހު ބެލުމުން ކަމަށެވެ.
އޭގެއިތުރުން އެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް، މިދިޔަ އަހަރުގެ ޑިސެމްބަރު 23ގައި ދެ ބިދޭސީއެއްގެ އަތުން ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓަން ސިނގިރޭޓު މަދުވެފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެހެންކަމުން މި މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުން އަންނަކަން ހާމަކޮށް ފުލުހުން ބުނީ މި މައްސަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއް ގޮތުގައި ބަލަމުން އަންނަ ކަމަށެެވެ.



