ކުށް މަދު އަމާން މުޖުތަމައެއް ގާއިމުކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ނ. ވެލިދޫގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ މި މަހު 19 ވަނަ ދުވަހު އެވެ.
ވެލިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން އަމާޒުކުރެވިފައި ވަނީ އެ ރަށަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށާއި މަސްތުވާތަކެތި ދައުރުވުމާ އަދި މަސްތުވާތަކެއްޗާ ގުޅުންހުރި އެހެނިހެން ކުށްތައް ހިންގުމަށް ހުރި ފުރުސަތުތައް މަދުކުރުމަށް ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެގޮތުން ފުލުހުން ބުނީ މި އޮޕަރޭޝަންގައި، ކުށްކުރާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުން އެއްވެ ތިބޭ ސަރަހައްދުތަކާއި ކުށްކުރާކަމަށް ފާހަގަކުރެވޭ ތަންތަނާއި ކުށުގެ މާހައުލުގައި އުޅޭ ފަރާތްތައް އުޅޭ ތަންތަނާއި މީހުން ބަލައިފާސްކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، އެއްގަމު އުޅަނދު ގަވާއިދާ އެއްގޮތަށް ހުރިތޯ ބެލުމާއި ޓްރެފިކް ގަވާއިދުތަކާ އެއްގޮތަށް އެއްގަމު އުޅަނދު ދުއްވުމަށް ބާރު އެޅުމަށްޓަކައި ޓްރެފިކް އޮޕަރޭޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކުރުމަށް ރައްޔިތުންނާ ގުޅިގެން ފުލުހުން ގެންދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.


