އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ފުލުހުންގެ ހިދުމަތުން ފުރުސަތެއް ނުދޭނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ދެންމެ ނެރުނު ބަޔާނުގައި މިހެން ބުނެފައި ވަނީ ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 32 ކާޓަން ސިނގިރޭޓު ގެއްލުނު މައްސަލައާ ގުޅިގެންނެވެ.
އެގޮތުން މިކަމަށް އިޝާރަތްކޮށް ފުލުހުން ނެރުނު ބަޔާނުގައި ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި އެއްވެސް ހާލަތެއްގައި ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އަދި ފުލުހުންގެ އަހުލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާއި ހިލާފު އެފަދަ ކޮންމެ މައްސަލައަކީ ބޮޑު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ހަމައެހެންމެ މި މިކަމަކީ ފުލުހުންގެ ފަރާތުން ފެންނަންޖެހޭ އަހުލާގާއި، ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށާއި އެ މިކަމުގައި ބައިވެރިވެފައިވާ ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި
ކަންކަން އެ ހިދުމަތުން ކުރާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
”މި މުއައްސަސާގެ ހުރުމަތް ކުޑަކޮށް އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް ދިވެހި ފުލުހުންގެ
ޚިދުމަތުން ފުރުސަތެއް ނުދޭނެ“ އެ ބަޔާނުގައި ބުނެފައި ވެެއެވެ.
ފުލުހުންގެ ޚިދުމަތުގެ ހުރިހާ މުވައްޒަފުންނަކީވެސް، ޖަވާބުދާރީވުމާއި، ނަޒާހާތްތެރިކަން ހިފަހައްޓައި
ސާބިތުކަމާއެކު ދެމިތިބެ، އިހުލާސްތެރި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީ، އެ މުއައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަންކުރަމުން ގެންދާ މައިގަނޑު އަމާޒު ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.



