ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ސްޓޭޓް އިލެކްޓްރިކް ކޮމްޕްނީ (ސްޓެލްކޯ)ގެ ޚިދުމަތްދޭ ހުރިހާ ރަށެއްގައި މިއަދު ގަސް އިންދުމުގެ ޙަރަކާތްތައް ކުރިއަށްގެންދާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން މިކަންހާމަކޮށްފައި ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެކުންފުނިން ބުނީ ގަސް އިންދުމުގެ ޕްރޮގްރާމް ރަށްތަކުގައި މިއަދު ކުރިއަށްގެންދަނީ ތިމާވެށި ރައްކާތެރިކޮށް، ދިވެހިރާއްޖޭގެ ކާބަން ފުޓްޕްރިންޓް އޮފްސެޓް ކުރުމަށް 5 އަހަރުތެރޭގައި 5 މިލިއަން ގަސް އިންދުމަށް ސަރުކާރުން ފަށާފައިވާ ޤައުމީ މަޝްރޫޢުގައި އެ ކުންފުނިން ބައިވެރިވެފައިވާތީ ކަމަށެވެ.
އެގޮތުން ސްޓެލްކޯއިން ވެފައިވާ ވައުދާއެއްގޮތަށް 5 އަހަރުގެ ތެރޭގައި 5 ލައްކަ ގަސް އިންދުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ސްޓެލްކޯގެ ޚިދުމަތްދޭ ހުރިހާ ރަށެއްގައި މިއަދު ގަސް އިންދުމުގެ ޙަރަކާތްތައް ހިންގަމުން އަންނަ ކަން ވަނީ ހާމަކޮށްފައެވެ.
ސަރުކާރުގެ ފަސްމިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސްޓެލްކޯގެ ފަސް ލައްކަ ގަސް އިންދުމަށް ވެފައިވާ ވައުދާއެއްގޮތަށް އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 5 އިން ފެށިގެން މި އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް 74،282 ގަސް އިންދާފައެވެ.
މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރުއޫއެއް ކުރިއަށް ގެންދާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައި ވަނީ ކޮޕް28ސަމިޓްގައި ތަގުރީރު ކުރައްވަމުންނެވެ.




