ރައީސް ޑރ. މުހައްމަދު މުއިއްޒު ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ.
މިކަންހާމަކުރައްވާފައި ވަނީ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހީނާގެ ޕޯސްޓުގައި ވިދާޅުވީ ރައީސް ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒު އިއުލާންކުރައްވާފައި ގޮތުގެ މަތިން، އެންމެ ފުރަތަމަ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން އެ ބައްދަލުވުން 2025 ނޮވެމްބަރު 23 ވާ އާދީއްތަ ދުވަަހުގެރޭ 20:30ގައި ވިލިމާލޭ މުޙްޔިއްދީން ސްކޫލްގައި އޮންނާނެ ކަމަށް ހީނާގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
އެހެންކަމުން ވިލިމާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް އެ ބައްދަލުވުމުގެ ދަޢުވަތު އަރުވާކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.
ރައީސް މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު މިދިޔަ ދެ އަހަރުގެ ތެރޭގައި އެ މަނިކުފާނު ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ އާންމު ރައްޔިތުންނާއި ކައުންސިލާއި އތމ. ކޮމިޓީތައް އަދި ރަށްރަށުގެ މުއައްސަސާތަކާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.



