ހއ. އަތޮޅު ހޮސްޕިޓަލުގެ ހަތަރު ބުރީގެ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ދިއްދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.
މި މަޝްރޫޢުގެ ދަށުން، 4 ފަންގިފިލާ ހިމެނޭ 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތް ކުރާނެއެވެ. އަދި 1 ފަންގިފިލާގެ ސަރވިސް ބްލޮކަކާއި ވަށާފާރެއް ރާނާނެއެވެ.
މިއީ 780 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. ސަރުކާރުން މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 185.6 މިލިޔަން ރުފިޔާއަށެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖީލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދާއި އެމްޓީސީސީގެ މެނޭޖިން ޑިރެެކްޓަރު ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީއާއި ހއ. އަތޮޅު ކައުންސިލްގެ މެންބަރުންނާއި، ހއ. ދިއްދޫ ކައުންސިލުގެ މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.



