އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާ ކުރި ފަހުން، މިހާތަނަށް 53000އަށްވުރެ ގިނަ ވޭޕްގެ ސާމާނު ހިފަހައްޓައިފިއެވެ.
ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ހާސިލްކުރެވުނު މުހިންމު މަސައްކަތްތައް ހިއްސާކޮށް ކަސްޓަމްސް އިން ވިދާޅުވެފައި ވަނީ އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާކުރި ފަހުން ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރަން އުޅުމުގެ 176 މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލަތަކުގައި ވޭޕް ކުރުމަށް ބޭނުން ކުރާ 53،300 ތަކެތި ހިފަހައްޓާފައިވާ ކަމަށްވެސް ކަސްޓަމްސް އިން ވިދާޅުވިއެެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް އިސްލާޙުގެނެސް މިދިޔަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެންވަނީ ޢަމަލުކުރަން ފަށާފައެވެ.
މިއާއެކު މިފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު ޤާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފިނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.
އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10000 ރުފިޔާގެ މަގުން ޖޫރިމަނާކުރުމަށް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ޤާނޫނަށް ގެނައި އިސްލާޙާއެކު ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ ކަމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.



