ދޮންބަންޑާރައިންގެ ހުޝިޔާރުކަމާއި ވަޠަންގެ މައްޗަށް އޮތް ކުލުނު ތާއަބަދަށް ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވާ ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސްގެ ޕޯސްޓުގައި ވިދާޅުވީ މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް ހޮޅީން މި ޤައުމަށް ގެނައި ކަމަށެވެ.
އަދި ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރު ގަދަ ޤައުމީ ޖިހާދަށް މިއަދަށް 281 އަހަރުވީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
”ދޮންބަންޑާރައިންގެ ޙިކްމަތާއި، ހުޝިޔާރުކަމާއި، މި ވަޠަންގެ މައްޗަށް އޮތް ކުލުނު ހާމަވި މި ތާރީޚީ ޙާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ވަނީ ދިރިދިރި.“ ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރައީސްގެ ޕޯސްޓު ނިންމަވާލައްވާފައި ވަނީ ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކޮށް މިނިވަންކަމާއި ފާގަތިކަމުގައި ދިވެހިރާއްޖެ ލެހެއްޓެވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.
ހޮޅިންގެ އަތްދަށުގައި ގާތްގަނޑަކަށް ނާމާންކަމުގެ 3 މަހެއް ހޭދަވުމާއެކު ރާއްޖެ މިނިވަންކުރެއްވުމަށް 200 އެއްހާ ފަހުލަވާނުންގެ މައްޗަށް އެކުލެވޭ ލަޝްކަރެއް ތައްޔާރުކޮށް ހަނގުރާމައަށް ނުކުންނެވީ މުލީގޭ ދޮން ހަސަން މަނިކުފާނު (މުލީގޭ ދޮން ބަންޑާރައިން) އެވެ.



