އޮޕަރޭޝަން އަލިމަގުގައި ގާތްގަނޑަކަށް 23 މިލިއަން ރުފިޔާގެ ޑްރަގްސް ހޯދާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ސަންގު ޓީވީއަށް ދެއްވި އިންޓަވިއުގައެވެ.
އޮޕަރޭޝަން އަލިމަގަކީ ޑްރަގް ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް މި މަހުގެ 13 ވަނަ ދުވަހު ހެނދުނު މުޅި ރާއްޖެއަށް ނިސްބަތްވާ ގޮތަށް ފެށި ބޮޑު އޮޕަރޭޝަނެކެވެ.
އެ އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެފައިވާ ކަމަށް ވެސް ފުލުހުން އޭރު ބުނެފައި ވެއެވެ.
އަދި އެ އޮޕަރޭޝަނުގައި އެއްވަގުތެއްގައި 100 ތަން ފުލުހުން ބަލައިފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން އޭރު ބުނެފައި ވެެއެވެ.
މިކަމާއި ގުޅޭގޮތުން ސަންގު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު އިހްސާން ވިދާޅުވީ އަލިމަގު އޮޕަރޭޝަނަކީ 6 މަސް ދުވަހުގެ ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.
އެގޮތުން އެ އޮޕަރޭޝަން ނިމުނުއިރު ޖުމްލަ 110 މީހުން ހައްޔަރުކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މަސްތުވާތަކެތި ވިއްކާމީހުން ބޭނުންކުރަމުންދިޔަ އެކި ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އެ އޮޕަރޭޝަނުގައި ގާތްގަނޑަކަށް 23 މިލިއަން ރުފިޔާގެ މަގުމަތީ އަގުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށްވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު އިހްސާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު ތަސައްވުރަކީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމުގައި ހުރި ބޮޑެތި މައްސަލަތަކަށް އެކަށީގެންވާ ހައްލު ހޯދުން ކަމަށެވެ.




