ރަށެއްގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުޑަކުއްޖަކަށް ފުލުހަކު ބިރުދައްކައި ޖިސްމާނީ އަނިޔާ ވެދާނެ ފަދަ އަމަލެއް ކުރިކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިކަންހާމަކޮށްފައި ވަނީ ފުލުހުން ރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައެވެ.
އެ މެސެޖުގައި ފުލުހުން ބުނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ދެކުނަށް ނިސްބަތްވާ ރަށެއްގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ޖެހުނު ހަމަނުޖެހުމަކާ ގުޅިގެން، އެތަނުން ކުއްޖެއްގެ އާއިލީ މަސްލަހަތު އޮންނަ ފުލުހަކު، އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާ ވެދާނެ އަމަލެއްކޮށް ބިރުދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
އެހެންކަމުން ފުލުހުން ބުނީ އެ މައްސަލައިގެ ޖިނާއީ ބައި ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކަށްވަތީ އިދާރީ މައްސަލަ ފުލުހުންގެ ’ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.




