ފާއިތުވި ދެ އަހަރަކީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރައީސަކު ސީރިޔަސް މަސައްކަތްތަކެއް ކުރެއްވި ދެ އަހަރު ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހްސާން މިފަދައިން ވިދާޅުވީ ސަރުކާރަށް 2 އަހަރުފުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާއިން ގެނެސްދޭ ”ހަފުތާ 104″ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ މި ފާއިތުވި ދެ އަހަރަކީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގެ ރައީސަކު ސީރިޔަސް މަސައްކަތްތަކެއް ކޮށްދެއްވި ދެ އަހަރު ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ފެށުނުއިރު ކަންކަމަށް ދިން އަހަމިއްޔަތުކަމުން ވަކިން ޚާއްސަކޮށް ހޯމް މިނިސްޓްރީ އެކުލަވާލި ގޮތުންވެސް އެކަން އެނގިގެންދާނެ ކަމަށެވެ.
އެގޮތުން ކުރީގެ ސަރުކާރުތަކުގަ ހޯމް މިނިސްޓްރީގެ ރިލޭޓެޑް އެކި އިދާރާތައް ހުންނާނީ އެކިއެކި ވުޒާރާތަކުގެ ބެލުމުގެ ދަށުގައި ކަމަށާއި އެހެން ހުރުމުގެ ސަބަބުން އެކިއެކި ކޯޑިނޭޝަންތަކާއި ހެދި އަސްލު ނެރެން ބޭނުންވާ ނަތީޖާ ރައްޔިތުންނަށް ފެނިފައެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
“ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ރައީސް ނެންގެވީ ވަރަށް ހެޑް އޮންކޮށް“ މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސްގެ އެންމެ ބޮޑު ތަސައްވުރަކީ ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމުގައި ހުރި ބޮޑެތި މައްސަލަތަކަށް އެކަށީގެންވާ ހައްލު ހޯދުން ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ ޑްރަގް އަދި ގޭންގު ހަދައިގެން ކުރާ ކުށްތަކުން ރައްޔިތުން ސަލާމަތް ކުރުމެވެ.



