މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހުޅުމާލެ ފޭސް 1 އިން ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ.މަނަދޫ / ރޯޝަނީގެ ، ޙަސަން ނާޙިލް (18އ) އެވެ.
ފުލުހުން ބުނީ، ޙަސަން ނާޙިލް ހައްޔަރުކޮށްފައިވަނީ އިއްޔެ ކަމަށެވެ.
ފުލުހުން ބުނީ އިއްޔެ އޭނާ ހައްޔަރު ކުރީ ހުޅުމާލެތެރެ ޕެޓްރޯލްކުރުމުގައި ޙަރަކާތްތެރިވަމުން ދިޔަ ފުލުހުން ފެނުމުން އޭނާގެ އަތުގައިއޮތް އެއްޗެއް ފޮރުވަން މަސައްކަތްކުރާކަމަށް ފުލުހުންނަށް ފާހަގަކުރެވިގެން، އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން އެންގުމުން މަޑުނުކޮށް ދަނިކޮށް ނިރޮޅު މަގު ބަސް ސްޓޮޕެއް ކައިރިން ކަމަށެވެ.
ފުލުހުން ބުނީ ބަސްޓޮޕް ކައިރިން ޙަސަން ނާޙިލް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.
އަދި އެ ތަކެތީގެ ބަރުދަނަކީ 31.23 ގްރާމު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.



